އަންނަ އޭޕްރީލް މަހުން ފެށިގެން މާލެ އެކޭ އެއްގޮތަށް ރަށްރަށުގައި ކާޑުގެ އަގު ހެޔޮވެގެންދާނެ ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުަހައްމަދު އޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު އިއްވަވަމުންދާ ރިޔާސީ މަޔާނުގަ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަމަށެވެ.
"އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ،" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރަށްރަށުގައި ކާޑުގެ ބާވަތްތައް ލިބޭ އަގު ކުޑަކުރައްވާނެކަމަސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އިރު، ކާޑުގެ ބާވަތްތައް އެސްޓީއޯއިން ވިއްކަމުން އަންނަނީ ހަކުރު ކިލޯއެއް 4 ރުފިޔާ، ހަނޑޫ ކިލޯއެއް 3 ރުފިޔާ 98 ލާރި އަދި ފުށް ކިލޯއެއް 2 ރުފިޔާ 98 ލާރިއަށެވެ.
ނަމަވެސް މި ކާޑުގެ ބާވަތްތަކުގެ އަގުތައް ރަށްރަށުގައި ބޮޑުވެގެން ދަނީ، ރަށްރަށަށް ކާޑު ގެންދާ އުޅަނދު ފަހަރުން ނަގާ ނާލައް ބަލައިފަ އެވެ.
ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެގޮތުން އެ މިނިސްޓްރީން ކަޑައަޅާފައިވާ އުސޫލުގެ ދަށުން ނާލާއި، މަޖޫރީންގެ ފީއާއި ފައިދާ ހިމަނައިގެން ކާޑުގެ ބާވަތްތަކުގެ އަގަށް އިތުރުކުރެވޭނީ ކިލޯއަކަށް ގިނަވެގެން 82 ލާރި އާއި، 1 ރުފިޔާ 21 ލާރިއާ ދެމެދުގެ ޢަދަދެކެވެ.