ޚަބަރު

ސްރީލަންކަން އެއާލައިންސް އިން މައްތަލަ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މިއީ ދެކުނުގައި އޮންނަ މައްތަލަ އެއާޕޯޓުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

ލަންކާގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސްގެ ޑިރެކްޓަރު-ޗީފް އޮޕަރޭޝަންސް ޝެހަން ސުމަނަސޭކަރައާ ހަވާލާދީ އިކޮނޮމީ ނެކްސްޓު ނޫހުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ހަފުތާއަކު އެއް ފްލައިޓު މާލެއަށް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަފުތާއަކު ދަތުރަކުން ފެށި ނަމަވެސް، މައްތަލަ އެއާޕޯޓު ތަރައްގީވަމުން އަންނަ ވަރަކަށް ދަތުރުތަކުގެ އަދަދު ހަފުތާއަކު ދެ ދަތުރަށް ބަދަލުކުރާނެ ކަމަށެވެ.

މައްތަލަ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށާ އިރު، އެ އެއާޕޯޓުން ކޮލަމްބޯ އަށް ޑޮމެސްޓިކް ދަތުރުތައް ވެސް ފަށާނެއެވެ. އަދި އިތުރު ޝެޑިއުލް ދަތުރުތަކެއް ފެށުމަށް ރާވާފައިވާ ކަމަށް ވެސް ޝެހަން ވިދާޅުވިއެވެ.