ރައީސް ޔާމީން

"އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން ސާބިތުވެފައެއް ނުވޭ"

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ހިޔާނާތުގެ ފައިސާކަން ތަހުގީގަށް ސާބިތުވެފައި ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނިން އެމަނިކުފާނުގެ އެކަންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ނުވަތަ ދައުލަތުގެ ފައިސާއެއް ކަމަށް، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައީސް ޔާމީން ބައިވެރިވާގޮތަށް އެސްކުރާ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބެހެއްޓުމަށް ނިންމި ނިންމުމަކީ ރައީސް ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއް ކަމުގައިވުމާއި، އެހާތަނަށްވެސް އަދި މިއަދާ ހަމައަށްވެސް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރަކީ ދައުލަރުގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަނޑައަޅައި ބަޔާންކޮށްދެވިފައި ނުވެއެވެ..،" ރައީސް ޔާމީންގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި ވިދާޅުވީ އެސްއޯއެފްއަކީ ދިވެހިރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއްކަމަށްވުމާއި އެކުންފުންޏާ ވިޔަފާރީގެ މުއާމަލާތް ހިންގާފައިވާ އެތައް ކުންފުންޏެއް އަދި އެތައް ފަރުދުންނެއް ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިނގައި އެއްވެސް ބާވަތެއްގެ ދައުވާއެއް އުފުލާފައި ނުވާކަން ފާހަގަކުރާ ކަމަށެވެ.

ކަން އެހެން އޮތްއިރު ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވާފައިވާ މައްސަލައިގައި ފުލުހުން ހާމަކޮށްފައިވާ "ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ" ކަމަށް ބަޔާންކޮށްފައިވާ އިބާރާތަކީ ކަމާ ގުޅުންހުރި އިދާރާއަކުން ހިންގާފައިވާ ތަހުގީގުތަކުން ސާބިތުވެފައިވާ އެއްވެސް ހަގީގަތެއްގެ މައްޗަށް ލިޔެފައިވާ އިބާރާތެއް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލަން ފުލުހުން ނެރުނު ނޫސްބަޔާނުގައި ހަވާލާދީފައިވާ މައްސަލައަކީ ސަރުކާރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހިންގަމުންގެންދާ އަމަލެއް ކަމަށް ގަބޫލުކުރުމާއެކު، ގާނޫނު ތަންފީޒުކުރުމާއި ގާނޫނުގެ ހުކޫމަތު ދެމެހެއްޓުމުގައި ވަކި ފަރާތަކަށް ޓާގެޓްކޮށްގެން ގާނޫނު ތަންފީޒު ނުކުރުމަށާއި ދުސްތޫރުގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައިދިނުން ކަށަވަރުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.