ޚަބަރު

ކޮވިޑާ ގުޅިގެން އާސަންދައިގެ ހިދުމަތަށް ކަނޑައެޅި އުސޫލު އަންނަ މަހުން ފެށިގެން ބަދަލުވާނެ: އާސަންދަ

ރިފާ ހަލީލު

ކޮވިޑާއި ގުޅިގެން އާސަންދަ ސްކީމަށް ގެނައި ބަދަލުތައް ކުރިއެކޭ އެއްގޮތަށް އިއާދަ ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އާސަންދަ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑާ ގުޅިގެން އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިނުމުގައި ކަނޑައެޅި ހާއްސަ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑު-19 އާއި ގުޅިގެން، ދިގު މުއްދަތަށް ބޭސް ކާ މީހުންނަށް އެއް ބޭސް ސިޓީއަކަށް ދެފަހަރު ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިފަދަ ބޭސް ސިޓީތަކަށް ބޭސް ދޫކުރެވޭނީ އެންމެ ފަހަރަކު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އުފަންވާ ކުދީން 28 ދުވަސް ވުމަށްފަހުގައިވެސް މަންމަގެ އައިޑީކާޑުގައި ޑޮކްޓަރަށް ދެއްކޭ އުސޫލު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށް އާސަންދައިން ބުންޏެވެ. އެގޮތުން އުފަންވާތާ 28 ދުވަސް ވުމަށްފަހު އާސަންދަ މެދުވެރިކޮށް ބޭސް ކުރެވޭނީ އެކުއްޖެއްގެ އައިޑީ ކާޑުގައި ކަމަށް ބުންޏެވެ.

އައިޑީ ކާޑާއި ޕާސްޕޯޓު އަދި ލައިސެންސުގެ ކޮޕީ އަށް މިހާރު ހިދުމަތް ދެވުނު ކަމުގައި ވީ ނަމަވެސް އާސަންދައިގެ ހިދުމަތް ދެވޭނީ އައިޑީ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އޮރިޖިނަލް ހިފައިގެން ދިޔުމުންކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފަ އެވެ.