ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގައި މިރޭ ގޮވާލެއްވުމުން ފަލަސްތީނުން ރާއްޖެއަށް ޝުކުރު އަދާކޮށްފިއެވެ.
ފަލަސްތީނުން ރާއްޖެއަށް ޝުކުރު އަދާކޮށްފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށް ވިދާޅުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ، އެގައުމުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ގޮވާލުމާ ގުޅިގެން އދ. އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންއިން ކުރި ޓްވީޓެއްގައެވެ.
ރައީސްގެ ތަގުރީރިގައި މިރޭ ވިދާޅުވީ މިއަދު އެތައް ގައުމެއްގެ އެތައް ޒުވާނުންނެއް ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ކަމަށާއި މިއަދު މަދުވަނީ ފަލަސްތީނުގެ ހައްގު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވިވާ ކަމަށާއި އިޒްރޭލުން ފަލަސްތީނުގެ އަންހެނުންނާއި ފިރިހެނުންނާއި ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ ކަމަށެވެ.
"ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާ ހުރެ މިވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.