ޚަބަރު

މަނީ ލޯނަޑަރިން މައްސަލައިގައި ދޮގު މައުލޫމާތުދިން ކަމުގެ ތުހުމަތުގައި އާޒިމާގެ މައްޗަށް ދައުވާ ކުރަނީ

މަރިޔަމް ޝަހުދާ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މަނީ ލޯނަޑަރިން މައްސަލައިގައި ދޮގު މައުލޫމާތުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލްއަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޖީއަށް ފުލުހުން މައްސަލަ ހުށަހަޅާފައިވަނީ މިއަދުއެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އާންމުކުރި ބަޔާނެއްގައި ފުލުހުން ވަނީ އާޒިމާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެހީތެރިވެ ދިނުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.

އާޒިމާގެ އިތުރުން ފުލުހުންވަނީ މި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށްވެސް މި މައްސަލައިގެ ތަހުގީގުގެ މަރުހަލާގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުކޮށް ދައުވާ ކުރަން ޕީޖީއަށް ހުށަހަޅާފައެވެ.