ޚަބަރު

ރައީސްގެ އިލްތިމާސެއް: ފަލަސްތީނު މިނިވަން ކޮށްދެއްވާ! އެކަމުން ދުނިޔެއަށް ގެއްލޭނެ އެއްޗެއް ނެތް!

ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ އަށް ގޮވާލައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި މިއަދު ރައީސް ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ. އަދި ވިދާޅުވީ އދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވިވާ ކަމަށާއި އިޒްރޭލުން ފަލަސްތީނުގެ އަންހެނުންނާއި ފިރިހެނުންނާއި ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އެތައް ގައުމެއްގެ އެތައް ޒުވާނުންނެއް ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ކަމަށާއި މިއަދު މަދުވަނީ ފަލަސްތީނުގެ ހައްގު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާ ހުރެ މިވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.