ޚަބަރު

އަލީ ވަހީދު ދައްކަނީ ތޯތޯ ވާހަކަ، ހެކި ހުރިނަމަ ހާމަކުރައްވާ: ސަރުކާރު

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ އަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލުން މިނިވަންވުމާއެކު ރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓަށް ރައީސް ސޯލިހު ވަޑައިގެން ކަޅު ދަބަހެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ގެންދެވި ކަމަށް ތުހުމަތުކުރައްވައިފައެވެ.

އަލީ ވަހީދުގެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އެއްވެސް މިންވަރެއްގައި ޖެހިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އަލީ ވަހީދު ދައްކަވަމުން ގެންދަވަނީ އެއްވެސް އަސްލެއް ނެތް ތޯތޯ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވެފައި ދެއްތޯ އޮތީ ހެކި އޮތިއްޔާމު ހާމަކުރައްވާށޭ. ހެކި ހުރިއްޔާމު ހާމަކުރައްވާށޭ މިއަދުވެސް މި ދަންނަވަނީ. އެފަދަ އެއްވެސް ހެއްކެއް ނޯންނާނެ،" މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ވިދާޅުވާ ދުވަސްވަރު އެމަނިކުފާނު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ ގޮތުގައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ކަޅު ދަބަހެއްގައި ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖު ފުލުސް އޮފީހުގައި ހުންނާނެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރެއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އިސްކޮށް ހުންނަވައި އެމްއެމްޕީއާރުސީ މައްސަލައިގައި ހެކިބަސް ދިން ބައެއް ހެކީންގެ ބަޔާންތަކުން ރައީސް ސޯލިހުގެ ނަންފުޅު އުނިކޮށްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.