އިބްރާހިމް ޒަކީ
ކުދިކުދި އިޖުރާއީ މައްސަލަ ތަކާ ގުޅިގެން، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ އުފުލި މުހައްމަދު އަމީން ފަދަ ފަރާތްތައް ދޫވެގެން ދިއުމަކީ ދައުލަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި، ހެއްކާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ބާތިލުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަމީން ދޫކޮށްލުމަށް ހައިކޯޓުން ހުކުމް ކުރީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ.
ގާނޫނުގައި ދައުވާ އުފުލުމަށް ލިބިދީފައިވާ މުއްދަތަކީ އެމީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަސްކަން އެނގެން އޮންނަ އިރު، އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލާފައި ވަނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ހުކުމްގައި ވެއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ނުރައްކާތެރި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހުރި އަމީން ދޫވެފައިވަނީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ހެކި ނެތިގެން ނޫން ކަމަށެވެ.
އަމީންގެ މައްސަލައަށް އިޝާރާތް ކުރައްވައި، އިންތި ވިދާޅުވީ ހައިކޯޓުން ދައުވާ ބާތިލު ކޮށް، އޭނާ ދޫކޮށްލާފައި ވަނީ ކުޑަކުޑަ އިޖުރާއީ މައްސަލައެއްގެ ސަބަބުން ކަމަށެވެ. ބޮޑެތި މައްސަލަ ތަކުގައި ހިމެނޭ މީހުން އެފަދަ ކުދިކުދި ކަންކަމާ ގުޅިގެން ދޫކޮށްލަނީ އިތުރަށް ދައުވާ ނުކުރެވޭ ގޮތަށް ކަމަށްވެސް އިންތި ވިދާޅުވިއެވެ.
ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާ ކުރި ފަސް މީހުންގެ މައްސަލައިގައި ކަންތައް ދިޔަ ގޮތްވެސް އިންތި ފާހަގަ ކުރެއްވިއެވެ.
އެހެންކަމުުން އެކަންކަމާމެދު ވިސްނަން ޖެހޭ ކަމަށާއި، ހެއްކާބެހޭ ބިލު މަޖިލީހުން ފާސްވެގެންދާއިރު އެކަންކަންވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.