ރައީސް ޔާމީން

އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރަނީ

މަރިޔަމް ޝަހުދާ

3

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މައްސަލައިގައި ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާ ލޯންޑާރކޮށް، އެ ފައިސާއާ ގުޅިގެން ހިންގި ތަހުގީގުތަކުގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ފުލުހުން ވަނީ ދައުވާ ކޮށްދިނުމަށް އެދިފައެވެ. އާޒިމާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވެ ރައީސް ޔާމީނަށް އެހީތެރިވެ ދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގުގައި ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެކި ފަހަރު މަތިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބިދޭންޖެހޭ ފައިސާކަން ހާމަވުމުން ފުލުހުން ރައީސް ޔާމީންގެ އަރިހުގައި އެ ފައިސާ ދައުލަތާ ހަވާލުކުރަން ދެންނެވުމުން އެ ފައިސާ ދައުލަތާ ހަވާލު ނުކުރާކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުން އެނގުނުގޮތުގައި ރައީސް ޔާމީން ވަނީ އެ ފައިސާ އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކި އެކައުންޓުތަކުގައި ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިކަންވެސް ފުލުހުން ފާހަގަކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟