ޚަބަރު

ރައީސް މައުމޫންގެ ދެކަނބަލުން ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި

މަރިޔަމް ޝަހުދާ

1

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

ދެބޭފުޅުންވެސް ވަނީ މިއަދު ޕީޕީއެމް އިން ވަކިވުމަށް އެދުމަށް ސިޓީ އަކުން ދަންނަވާފައެވެ. މިގޮތުން ނަސްރީނާ ޕީޕީއެމްއަށް ފޮނުވި ސިޓީގައި ވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަން ބޭނުން ނުވުމުގެ ސަބަބުން އެ ޕާޓީން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް އިން ވަކިވުމަށް އެދި މައުމޫން ފޮނުވި ސިޓީގައި ވަނީ 16 އޮކްޓޯބަރ 2016 އިން ފެށިގެން ޕީޕީއެމް ހިންގަމުން އަންނަނީ ކަނޑައެޅިގެން ޕީޕީއެމްގެ ގަވައިދާ ހިލާފަށް ކަމަށް ވުމުން، އެމަނިކުފާނު ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރިކަމަށް ބުނެ ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ޕީޕީއެމް ވުޖޫދަށް ގެނައި މައިގަނޑު މަގްސަދުތައް ހާސިލްވަމުން ނުދާކަމާއި، އަދިވެސް ޕާޓީ ހިނގަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދާވެސް ހިލާފަށްކަމަށް ވުމުން މިއީ ރައްޔިތުންނަށް ގެއްލުންދެނިވި ކަމަކަށް ވުމުން ޕީޕީއެމްއިން ވަކިވުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު މި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫންގެ ދެކަނބަލުން ޕީޕީއެމްއިން ވަކިވުމަށް އެދި މިއަދު ސިޓީ ހުށަހަޅާފައިވާ އިރު، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިހާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނުވެސް ވަނީ މި ހަފްތާތެރޭ ޕީޕީއެމްއިން ވަކިވުމަށް އެދި ސިޓީ ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟