ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޗައިނާއަށް ވަޑައިގަތުމަށް އިބޫއަށް ޗައިނާގެ ސަފީރު ދައުވަތު އަރުވައިފި

ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ޗައިނާއިން ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ދައުވަތު އަރުވައިފިއެވެ.

ޗައިނާއަށް ވަޑައިގެންނެވުމަށް ޒަންގް ލިޒޯންގް، އިބޫއަށް ދައުވަތު އަރުވާފައިވަނީ މިއަދު އިބޫގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާއިން ބައިވެރިވާނެ ކަމަށާއި އެކިއެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ޗައިނާގެ ސަފީރު ވިދާޅުވި ކަމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ގެދޮރު ބިނާކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.