އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ތާއީދުކުރައްވާތީ ނޫން ކަމަށާއި، ކޯލިޝަނާ ގުޅިވަޑައިގަތީ އިންސާފުން ހައްގު ހޯދުމަށް މަސައްކަތްކުރެއްވުމަށް ކަމަށް ރައީސް މައުމޫންގެ އަނބިކަނބަލުންގެ ބޭބޭފުޅު އައްބާސް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނުގެ ކެބިނެޓު މިނިސްޓަރު ކަމާއި މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ އައްބާސް ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ އެމަނިކުފާނު ޖަލްސާ އަށް ވެސް ހާޒިރުވެވަޑައިގަތީ ރައީސް މައުމޫނުގެ ފަރާތްޕުޅުން ކަމަށާއި، އިންސާފުގެ މަގުން ހައްގު ހޯދުމަށް ކަމަށެވެ.
" އަޅުގަނޑު މިރޭ މިއައީ ރައީސް މައުމޫނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ހައްގުގަ." ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމް ވިދާޅުވި އެވެ.
ހިޔާލު ތަފާތު މީހުންނާ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަމަށް އައްބާސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"ޚިޔާލު ތަފާތުވިޔަސް މިއަދު މިތިބެވެނީ އެއްގަލަކަށް އަރައި އެކައްޗެއް ކިޔައިގެން. މީ ގައުމީ ކަމެއް." އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ސިޔާސީ ފިކުރުތައް ތަފާތުވީކަމުގައިވިޔަސް ގައުމީ ފިކުރާއި ގައުމީ އެއްބައިވަންތަކަން އެއީ އެންމެ މުހިންމު އެއްޗެއްކަމުގައި ހައްދަވައިގެން މި ގައުމު ސަލާމަތްކުރައްވަން ކޯލިޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ އައްބާސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖުމްހޫރީ ވެރިކަމެއްގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ނޫން އެހެން ހުރިހާ ސަރުކާރަކުން ވެސް ކޮށްފައިވަނީ ޖުމްހޫރީ ވެރިކަމެއް ކަމަށާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން ގޮވައިގެން ރައްޔިތުންނާއެކު މަސައްކަތްކުރެވޭ ސަރުކާރެއް ގާއިމުކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން އިންތިހާބަށް ވާދަކޮށްފައިވަނީ ޕާޓީގެ ފަރާތުން ތާއީދު ލިބިގެން ނޫން ކަމަށާއި،" ކޯޓަކުން ޕާޓީގެ ބާރު ލިބިގެން،" ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓަކީވެސް "ތާކު ހުއްޓައި ނަގައިގަނެގެން ގެންނެވި،" ބޭފުޅެއް ކަމަށެވެ.