ޚަބަރު

ރަސްމީ ކަންކަމުގައި ހުށަހަޅާ ލިޔުންތަކަކީ އޭގައިވާ މައުލޫމާތަށް އެފަރާތަކުން ޒިންމާވާންޖެހޭ މައުލޫމާތު: އަކްރަމް

މަރިޔަމް ޝަހުދާ

ރަސްމީ ކަންކަމުގައި ހުށަހަޅާ ލިޔުންތަކަކީ އޭގައިވާ މައުލޫމާތަށް އެ ލިޔެކިޔުންތައް ހުށަހަޅާ ފަރާތަކުން ޒިންމާވާންޖެހޭ މައުލޫމާތު ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި އަކްރަމް ވަނީ ރަސްމީ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތު އޮޅުވާލާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަސްމީ ކަންކަމުގައި ދައުލަތަށް ދޮގު މައުލޫމާތު ހުށަހަޅާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް އަކްރަމް މިރޭ ވިދާޅުވެފައިވާ އިރު، އެމްއެމްޕީއާރުސީ މައްސަލައިގައި މަނީ ލޯންޑަރިންއާ ގުޅޭ މައްސަލައާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ މިއަދު ޕީޖީއަށް މައްސަލަ ހުށަހަޅައިފައެވެ.