މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރީންނަށް ވުރެ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރީންގެ އަދަދު 6.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރީންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ އިންޑިއާއިން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގައި އައި އިންޑިއާ މީހުންގެ އަދަދު ވަނީ 37 ޕަސެންޓް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއިން ވަނީ އެ އަދަދު މިދިޔަ މަހުގައި ދަށްވެފައެވެ. އެއީ 0.7 ޕަސެންޓެވެ.
އެހެންނަމަވެސް މިދިޔަ މަހުވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 17 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެއީ 11 ޕަސެންޓެވެ. އަދި 7.7 ޕަސެންޓާއެކު ތިންވަނައިގައި އޮތީ އިންޑިއާ އެވެ.