ބ. އެނބޫދޫ ކައިރީ އޮންނަ ރަންގަލި ފަރަށް ފީނަން ފައިބައިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ބ. ތުޅާދޫ ފޮނިލުނބޯގެ، އުމުރުން 20 އަހަރުގެ ޔާފިއު ހުސައިނެވެ.
އެމްއެންޑީއެފް އިން ބުނީ އެ ޒުވާނާގެ ހަށިގަނޑު ކަނޑުގެ 30 މީޓަރު އަޑިން ފެނުނީ ވައްކަރު ރިޒޯޓުގެ ޑައިވަރުންނަށް ކަމަށެވެ.
އަދި މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޔާފިއުގެ ހަށިގަނޑު ތުޅާދޫއަށް ގެންދިޔުމަށެވެ.
ޔާފިއު ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިޒޯޓުގެ ޑައިވަރުންނާއި ވައްކަރު ރިޒޯޓުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.
ފީނަން ގޮސް އުޅެނިކޮށް ޔާފިއު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:47 ހާއިރުގައެވެ.