ޚަބަރު

ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

އަހުމަދު ޖައިޝަން

ބ. އެނބޫދޫ ކައިރީ އޮންނަ ރަންގަލި ފަރަށް ފީނަން ފޭބި އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ ބ. ތުޅާދޫ ފޮނިލުނބޯގެ، ޔާފިއު ހުސައިން ކަމަށެވެ.

ޑައިވަރުން ހޯދަމުން ދަނިކޮށް ޔާފިއުގެ ހަށިގަނޑު ކަނޑު އަޑިން ވަނީ ފެނިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޒުވާނާގެ ހަށިގަނޑު ކަނޑުގެ 30 މީޓަރު އަޑިން ފެނުނީ ވައްކަރު ރިޒޯޓުގެ ޑައިވަރުންނަށް ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޔާފިއުގެ ހަށިގަނޑު ތުޅާދޫއަށް ގެންދިޔުމަށެވެ.

ޔާފިއު ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިޒޯޓުގެ ޑައިވަރުންނާއި ވައްކަރު ރިޒޯޓުގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.

ފީނަން ގޮސް އުޅެނިކޮށް ޔާފިއު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ މިއަދު 15:47 ހާއިރުގައެވެ.