ޚަބަރު

"ހިތާމަވެރި ހާދިސާތައް ހިނގި ސަރަހައްދުތައް އިންސްޕެކްޓުކުރިން، އިހުމާލެއް ފާހަގަކުރެވިފައެއް ނެތް"

އަހުމަދު ޖައިޝަން

މޫދަށް އެރި ނުވަތަ އެނޫންވެސް ހާލަތްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ސަރަހައްދުތަކަށް ގޮސް އެތަންތައް އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އެތަންތަނުގައި އެއްވެސް އިހުމާލެއް ވެފައި ނުވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފާއިތުވެ ދިޔަ ޖެނުއަރީ މަހު އެކަނިވެސް ވަނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގިނަ ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން ޕެރަޑައިސް އައިލެންޑުގައި ދާދިފަހުން ތިން މީހަކު ގެނބިގެން މަރުވެފައިވާއިރު ފީނަން ގޮސް އުޅުނު ފަތުރުވެރިޔަކުވެސް ވަނީ މަރުވެފައެވެ. އޭގެއިތުރުން ތުލުސްދޫގައި މޫދަށް ގޮސް އުޅެނިކޮށް ވަނީ މީހަކު ގެނބިފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ސަރަހައްދުތަކަށް މިނިސްޓްރީން ގޮސް ވަނީ އިންސްޕެކްޓުކޮށްފައި ކަމަށެވެ.

"ތުލުސްދޫގެ ހާދިސާއާ ގުޅިގެން އަޅުގަނޑުމެންގެ ޓީމްތައް ވާނީ އެތަނަށް ގޮސް އިންސްޕެކްޓު ކޮށްފައި. ޕެރަޑައިސްވެސް އިންސްޕެކްޓް ކޮށްފައިވަނީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ލެވެލްގައި ކުރި އިންސްޕެކްޝަނުން އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި މިހާރު އިންތިޒާރު ކުރަމުން އަންނަނީ ފުލުހުންގެ ތަހުގީގަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް އިހުމާލެއްވާނަމަ އެކަމާ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.