އެޕަލުން އައިފޯން 13 އާއެކު އެ ކުންފުނީގެ އާ ޕްރޮޑަކްޓުތައް ދައްކާލައިފިއެވެ.
މިރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި އެޕަލުން ވަނީ އައިފޯނުގެ ހަތަރު މޮޑެލެއްގެ ފޯނާއި އައިޕެޑާއި އައިޕެޑް މިނީ އާއި އެޕަލް ވޮޗް ސީރީޒް 7 ދައްކާލައިފިއެވެ.
އެޕަލުން ދައްކާލި އާ ފޯނުތަކުގެ މޮޑެލްތަކަކީ އައިފޯން 13، އައިފޯން 13 މިނީ، އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސްއެވެ. އައިފޯން 13 މިނީއަކީ 5.4 އިންޗީގެ ފޯނެކެވެ. އައިފޯން 13 އަދި އައިފޯން ޕްރޯ 13 އަކީ 6.1 އިންޗީގެ ފޯނުތަކެކެވެ. އަދި އައިފޯން 13 ޕްރޯ މެކްސްއަކީ 6.7 އިންޗީގެ ފޯނެކެވެ. ޕްރޯ މޮޑެލްތަކަށް އާ ކުލައެއް ވަނީ އިތުރުކޮށްފައެވެ. އެއީ ސިއޭރާ ނޫ ކުލައެވެ.
ސުޕާ ރެޓީނާ އެކްސްޑީއާރު ޑިސްޕްލޭތަކާއެކު ތައާރަފުކުރި ފޯނުތަކުގެ ޑިސްޕްލޭ ވެސް ކުރީގެ ފޯނުތަކާ އަޅާބަލާއިރު އަލިގަދައެވެ. އެ ފޯނުތަކަށް އެޕަލުން ވަނީ މުޅިން އަލަށް "ޕްރޯ މޯޝަން" ޓެކްނޮލޮޖީ ހިމަނައިފައެވެ. އެ ޓެކްނޮލޮޖީން ގޭމުތަކާއި އެނިމޭޝަން އަދި ގްރެފިކްސްއަށް އިތުރު ފުރިހަމަކަމެއް އަންނާނެއެވެ.
މިފަހަރުގެ ފޯނުތަކުގައި ހިމެނެނީ ވަރުގަދަ އޭ15 ބަޔޯނިކް ޗިޕެވެ. އެ ޗިޕްތަކާއެކު މިހާތަނަށް އެންމެ އަވަހަށް މަސައްކަތްކުރާ ފޯނުތަކަށް އައިފޯން 13ގެ މޮޑެލްތައް ވެގެންދާނެ ކަމަށް އެޕަލުން ގަބޫލުކުރެއެވެ. އައިފޯން 12ގެ މޮޑެލްތަކަށް ވުރެ، އައިފޯން 13ގެ މޮޑެލްތަކުގެ ބެޓަރީ ވެސް ވަރުގަދައެވެ. އެގޮތުން އައިފޯން 13ގައި އައިފޯން 12 އަށްވުރެ އިތުރަށް 2.5 ގަޑިއިރު ޗާޖު ހިފަހައްޓާ އިރު، އައިފޯން 13 މިނީގައި އައިފޯން 12 މިނީއަށްވުރެ އިތުރަށް 1.5 ގަޑިއިރު ޗާޖު ހިފަހައްޓާނެއެވެ.
އައިފޯންގެ ފަހުގެ ހަތަރު މޮޑެލްގައި އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ކެމެރާއަށެވެ. އެ ފޯނުތަކުގެ ކެމެރާތަކުގައި ސެންސަރުތަކުން އަލި ނަގައިދޭ މިންވަރު އިތުރެވެ. އޭގެ އިތުރުން މިފަހަރުގެ ފޯނުތަކަށް ފިލްމުތަކުގައި އާންމުކޮށް ބޭނުންކުރާ "ސިނެމެޓިކް ވީޑިއޯ" ފީޗާ ވެސް ހިމަނާފައިވެއެވެ.
އައިފޯން 13 މިނީ އަދި އައިފޯން 13 ގެ ސްޓޯރޭޖުގައި 128 ޖީބީ، 256 ޖީބީ އަދި 512 ޖީބީ ހިމެނެއެވެ. އަދި ޕްރޯގެ މޮޑެލްތަކުގައި 1 ޓީބީއާ ހަމައަށް ސްޓޯރޭޖު ހިމެނެއެވެ. އައިފޯން 13 މިނީ 699 ޑޮލަރުން ފެށިގެން ލިބެން ހުންނަ އިރު، އައިފޯން 13 ލިބެން ހުންނާނީ 799 ޑޮލަރުން ފެށިގެންނެވެ. އައިފޯން 13 ޕްރޯ ލިބެން ހުންނާނީ 999 ޑޮލަރުން ފެށިގެންނެވެ. އަދި އައިފޯން 13 ޕްރޯ މެކްސް ލިބެން ހުންނާނީ 1099 ޑޮލަރުން ފެށިގެންނެވެ. އެ ފޯނުތަކަށް އަންނަ ހުކުރު ދުވަހު ޕްރޯ އޯޑަރަށް ހުޅުވާލާ އިރު، މިމަހުގެ 24 އިން ފެށިގެން ފޯނުތައް ނެރޭނެއެވެ.