މާލެއަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން، އެމްޓީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.
މިއެއްބަސްވުމުގައިވާ ގޮތުން 120 ދުވަހުގެ ތެރޭގައި މާލޭގައި މިނީ ބަސް ތައާރަފުކޮށް، އާންމުންނަށް ބަހުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށަންޖެހެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލެއަށް މިނީ ބަހުގެ ހިދުމަތް ދޭން ފެށުމުން، އޭގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކަށް ވާނީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދަތުރުފަތުރުގެ ނިޒާމުގައި މިހާރު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުން ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މާލެއަށް މިނީ ބަހުގެ ހިދުމަތް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.