ހުޅުމާލެ ޖަލުގައި ރޭ މަރުވި ގައިދީ، ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމަށް އެއްވެސް އަނިޔާއެއް ދީފައިނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިގޮތަށް ބުނެފައި މިވަނީ އަސްލަމަށް އަނިޔާއެއް ދީގެން މަރާލި ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރު، އަސްލަމް އިށީނދެ އިންދައި، ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އަށް މިނެޓު ތެރޭގައި އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި އާއިލާއަށް 6:42 ގައި ގުޅައި އަންގާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީންދެ އިންދައި ވެއްޓުމާ ގުޅިގެން ކަމަށެވެ. އަދި އެ މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖްއިން ސާފުކޮށް ފެންނަ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އޭނާ މަރުވެފައިވާ ކަމަށް އަންގާފައި ވަނީ ރޭ 8:23 ގައި ކަމަށާއި މަރުގެ ސެޓްފިކެޓުގައި މަރުގެ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށާއި މަރުވެފައިވާ ވަގުތަކީ 6:55 ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
"އަސްލަމަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ އާއިލާއާ ހަވާލާދީ ފަތުރާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެއްވެސް އަނިޔާއެއް އަސްލަމަށް މި ސާވިސްއިން ދީފައި ނުވާނެ ކަމަށް ދަންނަވަން. ހަގީގަތް އޮޅޭ ފަދަ ގޮތްގޮތަށް މިފަދަ ހަބަރުތައް ފެތުރެމުންދާތީ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަން،" ކަރެކްޝަންސް އިން ބުންޏެވެ.
އަސްލަމްގެ ކޮއްކޮ މުސްލިމް ޝާކިރު "ވަން" އަށް ބުނީ އޭނާގެ ބޭބެ، އަސްލަމަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނީ އެހެން ބައެއްގެ ފަރާތުން ކަމަށާއި އެކަން ކަރެކްޝަނުން އަންގާފައިނުވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ބަލަމުން އަންނަ ކަމަށް ކަރެކްޝަންސް އިން އެންގި ކަމަށްވެސް މުސްލިމް ބުންޏެވެ.
މުސްލިމް ބުނީ އަސްލަމް މަރުވިކަން އެނގުނީ ރަށުގައި ހުރި މީހަކު ގުޅާފައި އެހުމުން ކަމަށެވެ. އަދި އެކަން ޔަގީން ކުރަން އެ ކޮޓަރިއަށް ވަންނަން އުޅުމުން، ޑޮކްޓަރުގެ ހުއްދައެއް ނެތް ކަމަށް ބުނެ ހުއްޓުވި ކަމަށެވެ. ނަމަވެސް ގަދަކަމުން އެ ރޫމަށް ވަންއިރު އަސްލަމްގެ މޫނު މަތީގައި އޮތީ ފޮތިގަނޑެއް އަޅައި ފޮރުވާފައި ކަމަށާއި އެވަގުތު އެ ރޫމްގައި އިތުރު އެއްވެސް މީހަކު ނެތް ކަމަށް މުސްލިމް ބުންޏެވެ.
"ބޭބެ މޫނުމަތީ އޮތީ ފޮތިގަނޑެއް އަޅާފައި. ރޫމްގައި ނެތް ޑޮކްޓަރެއްވެސް ނަރުހެއްވެސް. ރޫމް އޮތީ ހުސްކޮށް. ކަމެއް ސިއްރު ކުރާނީ އެކަމެއްގައި ކޮންމެވެސް ކަމެއް އުޅޭތީތާ. ކޮންމެހެން ދޮގުތަކެއް ހަދައިގެން އެމީހުން (ކަރެކްޝަންސް) އުޅޭތީވެ، އަހަރުމެންނަށް 100 ޕަސެންޓް ޔަގީން އަނިޔާއެއް ދީގެން މަރުވީކަން،" މުސްލިމް ވިދާޅުވިއެވެ.
މުސްލިމް ބުނީ ލިޔެކިޔުމުން ހުށަހެޅުމުން އަސްލަމް މަރުވެގެން ވެއްޓުނު ވީޑިއޯ ދައްކާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ކުރިއަށްދާނެ ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި އާއިލާއިން މަޝްވަރާ ކުރުމަށްފަހު ވަކިގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.