ޚަބަރު

މާލޭގެ ރައްޔިތުންގެ ބިންތައް ފޭރިގަތް ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް

1

މާލޭގެ ރައްޔިތުންނަށް ބިން ދޭނެ ކަމަށް ވައުދުވެ، ގޯތި ނުދީ ކުރީގެ ސަރުކާރުތަކުން މާލޭގެ ރައްޔިތުން ބިކަކޮށްލައި, ރެފިއުޖީންނަށް ހަދާފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މާލޭ ރައްޔިތުންގެ މައްސަލަ އެ އޮފީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ.

އެ ދެބޭފުޅުން ހުށަހެޅި މައްސަލައިގައި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ޔާމީން އަބްދުލްގައްޔޫމް، ނިޒާމީ ސިފައެއްގައި ރާވައިގެން އިންސާނީ ހައްގަށާއި އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށްވެއެވެ.

މައްސަލައިގައި ވަނީ މައުމޫންގެ ވެރިކަމުގައި 21 އެޕްރީލް 1979 ވަނަ ދުވަހު މާލޭގެ ބިން ހިއްކަން ފެށި ކަމަށާއި އެކަން ކުރަން ނިންމީ މާލޭގެ ދެކުނު ފަރާތުގެ ބިކަ ހާލު ޖެހިފައި ތިބި ރައްޔިތުންނަށް ބިން ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މައުމޫންގެ ވެރިކަން ނިމި، މިއަދާ ހަމައަށްވެސް އެފަރާތްތަކަށް ބިން ލިބިފައި ނުވާ ކަމަށާއި އަދިވެސް އުޅެމުންދަނީ ބިކަ ހާލުގައި ކަމަށްވެސް މައްސަލައިގައިވެއެވެ.

އެ ބިންތައް ލިބުނު ކަމަށް ބޮންޑޭ ތުހުމަތު ކުރަނީ އޭރުގެ ވަޒީރުންނާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އަރިސް ބޭފުޅުންނަށާއި އޭރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޮޑުންނަށާއި އަތޮޅުތަކަށް އައްޔަނު ކުރައްވާފައިވާ އަތޮޅު ވެރިންނަށެވެ.

ބިން ހިއްކުމަށްފަހު ދިން ގޯތީގެ އަދަދު ހާމަކޮށްފައިނުވާ ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު ގޯތިތައް ބެހި ގޮތުގެ އެއްވެސް އުސޫލެއް ހާމަކޮށްފައިނުވާ ކަަމަށާއި އަދި އެކަމުގެ ވާހަކަ ދައްކާ ފަރާތްތައް ބަންދުކޮށް، އަނދަ ގޮޑި ޖެހި ކަމަށްވެސް މައްސަލައިގައިވެއެވެ.

މައްސަލައިގައިވާ ގޮތުން ބިން ނުލިބުމުގެ ސަބަބުން މާލޭގެ ރައްޔިތުން ނިކަމެތިވެފައިވާ ކަމަށާއި އެހެންކަމުން އިޖުތިމާއީ އެތަކެއް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ޅަދަރީން ޑުރަގުގެ ވަބާއަށް ގޮސް، ޖިނާއީ އަދި މަދަނީ މައްސަލަތައް އިތުރުވެ، ރެފިއުޖީންގެ ގޮތުގައި މާލޭގެ ރައްޔިތުން ދިރިއުޅުން އާރާސްތު ކުރަން މަޖުބޫރުވެފައިވާ ކަމަށްވެސް މައްސަލައިގައިވެއެވެ.

"މިއީ 30 އަހަރުވީ ދިގު ވެރިކަމުގައި ރާވައިގެން މާލޭ ރައްޔިތުން ނިކަމެތި ކުރުމަށް އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ ޖަރީމާއެއް. ސަބަބަކީ ދިވެހިންނަކީ އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އަޅުންގެ ގޮތުގައި މާލޭގެ ރައްޔިތުންނަށް ވިސްނައި ދިނުން،" މައްސަލައިގައިވެއެވެ.

މައުމޫނުގެ ވެރިކަމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ކުދިކުދި ބިންކޮޅުތައް ދައުލަތަށް ނަގައި، ވެށިފަހި މާލެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް އިންސާނުން ދިރިއުޅެން އެކަށޭނަ ބިމާއި ގޯތި ދީފައިވާ ކަމަށެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ނިމުމާއެކު ވެށި ފަހި މާލެ މަޝްރޫއުވެސް ހުއްޓުމަކަށް އައީ ކަމަށްވެސް މައްސަލައިގައިވެއެވެ.

އޭގެ ފަހުން މައުމޫންގެ ކޮއްކޯފުޅު، ޔާމީންގެ ވެރިކަމުގައިވެސް މާލޭގެ ރައްޔިތުންނާ މެދު އަމަލުކުރީ އިހާނެތިކޮށް ކަމަށް ތުހުމަތުކޮށްފައިވެއެވެ. ޔަމީންގެ ވިސްނުން ހުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ރާއްޖޭގެ މުޅި އާބާދީ އެއްފަސްކޮށް ރައްޔިތުން ހާސް ކުރުވައި ގަނަ ތަޅުވައި ރައްޔިތުން ނިކަމެތި ކޮށްލުމަށެވެ. އެގޮތުން ސަރުކާރުގެ ހަރަދުގައި އިމާރާތްކޮށްފައިވަނީ "ކޮތަރު ކޮށީ" ތަކެއް ކަމަށްވެސް މައްސަލައިގައިވެއެވެ. އެއީ ހިޔާ ފްލެޓުތަކެވެ.

މައްސަލައިގައި ވަނީ ރާއްޖޭގެ ރައްޔިތުން ތޮއްޖައްސައި މާލޭ ރައްޔިތުން "ގެޓޯ" އެއްގައި އުޅެން މަޖުބޫރުކުރުވާފައިވާ ކަމަށެވެ. ނަމަވެސް ރަށް ރަށުގައި ހިލޭ ގޯތި ލިބޭ އިރު، މާލޭގެ ރައްޔިތުން ޖެހެނީ ބިން ގަންނާށެވެ.

މާލޭ ރައްޔިތުންގެ ގޯތި މައްސަލައަށް އޮތް ހައްލަކީ މާލެ ސަރަހައްދުން ހިއްކާފައިވާ ބިންތައް މާލެ ރައްޔިތުންނަށް ދިނުން ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުން ހިއްކެން ހުރި ފަޅުތަކާއި ގިރިތަކާއި ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށާއި މާލޭ ރައްޔިތުންނަށް ގޯތި ނުދީ އެ ބިންތަކުގައި އިތުރު އެހެން އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށްވެސް މައްސަލައިގައިވެއެވެ.

ބޮންޑޭ އާއި ލަބީގް އެދިފައިވަނީ މާލީ ބަދަލެއްގެ ގޮތުން މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ނުވަތަ ބިން ދިނުމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ބިންތައް ފޭރި ގަންނަން ރޭވި މީހުންގެ ރޭވުންތައް މާލޭ ރައްޔިތުންނަށް ހާމަކޮށްދީ، މާލޭ ރައްޔިތުންގެ ހައްގަށް އަރައިގަނެފައިވާ އޭރުގެ ވެރިންނަށް ހައްގު އަދަބު ދިނުމަށްވެސް އެދިިފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟