ޚަބަރު

ޓުއަރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަން މާދަމާ ފަށަނީ

އަހުމަދު ޖައިޝަން

ރާއްޖޭގައި ހިންގާ ޓުއަރިސްޓް ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތައް އަދި ސަފާރީތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާދަމާ އެ މަސައްކަތް ފަށާނީ ބޮޑުތިލަދުންމަތީ ސަރަހައްދުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ޓުއަރިސްޓް ފެސިލިޓީސްތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ މިނިސްޓްރީ އާއި ފުލުހުން އަދި ސިފައިން ގުޅިގެން ކަމަށެވެ.

"މިއީ އެއްވެސް ހާލަތެއްގައި އެއްވެސް ބަޔަކު ފަޟީހަތްކުރަން ނުވަތަ އެއްވެސް ބަޔަކާ ދޭތެރޭ ނުރަނގަޅު ގޮތަކަށް ދެކޭކަށް ސަރުކާރުން ކުރާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިންސްޕެކްޝަންގެ ބޭނުމަކީ އިންޑަސްޓްރީގެ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ރަނގަޅު ކުރުން ކަމަށެވެ.

މާދަމާ ފަށާ އިންސްޕެކްޝަން ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.