ޚަބަރު

އެއްބަސްވުން އުވާލުމުން ދައްކަންޖެހުނު 18 މިލިޔަން ޑޮލަރު ނެކްސް ބިޒް އަށް ދައްކައިފިން: އޭޖީ

2

އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރު ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ނެކްސް ބިޒް އާ ހަވާލު ކުރި އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ދައްކައިފިކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އިއްޔެ އެ ފައިސާ ދައްކާފައިވާކަމަށްބުނެ މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޑާ ކޮންްޓްރޯލް ސިސްޓަމްގެ މަސައްކަތް 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ގައި ނެކްސްބިޒާ ހަވާލު ކުރުމުގެ އެގްރީމެންްޓް، 5 އޮގަސްޓް 2013 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ބާތިލް ލުކުރުމާ ގުޅިގެން، 272 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދުމަށް އެދި ނެކްސްބިޒް ލިމިޓެޑުން ދައުވާ ކުރި ކަމަށެވެ.

އަދި 2014 ވަނަ އަހަރުގެ ޖެނުއަރީމަހު 9 ގައި ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި އެ މައްސަލަ ނިމިފައިވަނީ، 2016 ވަނަ އަހަރުގެ ނޮވެމްބަރު 24ގައެވެ.

"އެގްރީމަންޓް ދިވެހި ސަރުކާރުގެ ފަރާތުން ބާތިލްކޮށްފައި ވަނީ އެގްރީމަންޓާ ހިލާފަށްކަމަށް ކަނޑައަޅައި، ދިވެހި ސަރުކާރުގެ ފަރާތުން ނެކްސްބިޒް ލިމިޓެޑަށް US$17,085,654 (ސަތާރަ މިލިއަން އައްޑިހަ ފަސްހާސް ހަ ސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު) އާއި، S$1,093,370.82 (އެއް މިލިއަން ނުވަދިހަ ތިން ހާސް ތިން ސަތޭކަ ހަތްދިހަ ސިންގަޕޯރ ޑޮލަރު އައްޑިހަ ދެ ސެންޓް) ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވޭ،" އޭޖީ އޮފީހުގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ އާބިޓްރޭޝަނުން އެގޮތަށް ނިންމި ނަމަވެސް ވޭތުވެދިޔަ، ރައީސް ޔާމީންގެ ސަރުކާރުން އެ ފައިސާ ދައްކާފައެއްނުވެ އެވެ.

އެހެންކަމުން އެ މައްސަލަ ތަންފީޒު ކުރުމަށް ނެކްސް ބިޒްގެ ފަރާތުން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅިއެވެ.

މައްސަލަ ސިންގަޕޫރުހައިކޯޓުން ނިންމާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ސަރުކާރުގެ މުދާ ހިފެހެއްޓޭ ގޮތަށް ކަމަށްވެސް އޭޖީ އޮފީހުގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟