ޚަބަރު

ޕާޓީ ނިދާފައި އޮތީ އެކްޓިވްވުމުން "އަނިޔާ" ލިބޭތީ: ގާސިމް

އަލީ އަފާފު ރަމީޒު

ޖުމްހޫރީ ޕާޓީ ނިދާފައި އޮތީ، އެ ޕާޓީ އެކްޓިވްވުމުން "އަނިޔާ" ލިބޭތީ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށް ވިދާޅުވެ، އެ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.

ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އެ ޕާޓީ "ނިދާފައި" އޮތް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތުގައިވެސް ތެދު ވާހަކަތަކެއް ކަމަށެވެ. ސަބަބަކީ އެ ޕާޓީ އެކްޓިވް ވެއްޖެނަމަ، އޭނާއަށާއި އެ ޕާޓީއަށް އަބަދުވެސް އަނިޔާ ލިބެމުންދާތީ ކަމަށް ވިދާޅުވިއެވެ.

"ސައިލެންޓްކޮށް ތިބެނީ ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން އެކްޓިވް ވެއްޖެއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އަނިޔާ ލިބޭ. ހާއްސަކޮށް އަޅުގަނޑަށް އަމާޒުކޮށްގެން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވިޔާނުދާ ވާހަކަދައްކާ އިރަށް ފުރަތަމަ ހަމަލާ އަންނަނީ އަޅުގަނޑާ ދިމާލަށް. ދެންވެސް އަންނަނީ އަޅުގަނޑާ ދިމާލަށް، ދެންވެސް އަންނަނީ އަޅުގަނޑާ ދިމާލަށް. ދެން އަންނަނީ ޕާޓީއަށް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަންގެ ތެރެއިން ކޮންމެ ފަހަރަކުވެސް ވެރިކަން ހޯދައިދެނީ އޭނާގެ މަސައްކަތާއެކު ކަމަށާއި ނަމަވެސް ކޮންމެ ސަރުކާރަކުންވެސް އޭނާއަށް އަނިޔާދޭ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އޭނާ ޖަލަށްލާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގައުމު ހަލަބޮލި ނުކޮށް، ރައްޔިތުންނަށް ގެއްލުން ނުވާނޭ ގޮތަށް ކަންކަން ކުރަން ވިސްނަން ޖެހޭ ކަމަށާއި އެގޮތުގައި ވިސްނުން ބަހައްޓައިގެން ކުރިއަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.