ރާއްޖެ ހިފުމުގެ އެއްވެސް ވިސްނުމެއް އިންޑިޔާއިން ނުގެންގުޅޭކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، އިންޑިޔާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް ގެ އެސޯޝިއޭޓެޑް އެޑިޓަރު އަމީތާބު ޕީ ރަވީއަށް، ދެއްވި އިންޓަވިއުއެއްގަ އެވެ.
ހުސްވިމަހު ޑިފެންސް މިނިސްޓަރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ދެއްވި މި އިންޓަވިއުގައި މާރިޔާ ވިދާޅުވީ، އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފުމަކީ އެއްވެސް ކަމެއްނޫން، ކަމަށާއި އިންޑިޔާގެ މިލިޓްރީ ބާރުގެ ކުރިމަތީގައި ރާއްޖެއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވިސްނުމެއް އިންޑިޔާއިިން ނުގެންގުޅޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އިންޑިޔާގެ ކޯސްޓަލް ސަރވައިލަންސް ރާޑަރު ސިސްޓަމް ރާއްޖޭގައި ހަރުކުރަމުން އަންނަ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ މައްސަލައަށް އަލިއަޅުވާލައްވައި މާރިޔާ ވިދާޅުވީ އެ ރާޑަރު ތަކުން ފައިދާ ކުރާނީ އިންޑިޔާއަށް ނޫން ކަމަށާއި، އެކަމުގެ ހުރިހާ ފައިދާއެއް ކުރާނީ ރާއްޖެއަށް ކަމަށެވެ.
އަދި މި ސަރުކާރުން ކުރިއަަށްގެންދަނީ އެ މަޝްއޫގު ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށާއި އެއީ، ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ސަލާމަތްތެރިކަމާއެކު ބެލެއްޓުމަށް އެ ރާޑަރުތަކުން ވަރަށް ފަސޭހަ ވެގެންދާނެ ކަމަށާއި އެކަމަށް ސަރުކާރުން ހޭދަކުރާ ބޮޑު ހަރަދުވެސް މި ރާޑަރު ތަކުގެ ސަބަބުން ކުޑަވެގެންދާނެ ކަމަށެވެ.
މަހަށް ނިކުންނަ މަސްދޯނި ފަހަރު ގެއްލިގެން ހޯދުމަށް ދުއްވަން ޖެހޭ ދުއްވުންތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، އެ ރާޑަރުތަކުގެ ސަބަބުން، ގެއްލޭ ދޯނި ހޯދައި ސީދާ އެ ދޯނި އޮންނަ ތަނަށް ސަލާމަތީ އުޅަނދުތަކަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އިންޑިޔާ އާއި ޗައިނާ އަކީ މި ސަރަހައްދުގައި ހިޔާލު ތަފާތު ދެ ގައުމަށްވާއިރު، ރާއްޖެ އާއި އެ ދެގައުމާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުން އެންމެ ބޮޑު އެހީތެރިކަމެއް ދޭ ގައުމަކީ އިންޑިޔާ ކަމަށާއި، ނަމަވެސް ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދީ ބައިވެރިއެއް ކަމަށެވެ.
އަދި އެ ދެގައުމާއެކު ރާއްޖޭން އޮންނަ ގުޅުމާ މެދު އޭގެ ތެރެއިން އެއްވެސް ގައުމަކުން ސުވާލު ކޮށްފައިނުވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
އިންޑިޔާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުގެ މައްސަލައިގައި މާރިޔާ ވިދާޅުވީ، ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮވެގެން ކަަމަށާއި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދައާ ނުލައި އިންޑިޔާ ހެލިކޮޕްޓަރު ނުއުދުހޭނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ މި ސަރަހައްދަށް ނިސްބަތްވާ އިންޑިޔާ، ޗައިނާ ޕާކިސްތާނު، ބޭނުންވަނީ މި ސަރަހައްދަކީ ސަލާމަތީ ގޮތުން ރައްކާތެރި ސަރަހައްދަކަށް ހަދަން ކަމަށާއި އެކަމުގައި އެ ހުރިހާ ގައުމެއްގެ އެއްބާރުލުން ލިބޭ ކަމަށެވެ.