އިބްރާހިމް ޒަކީ
އިންސާފުވެރި އިންތިހާބެއް، ރައްޔިތުންނަށް ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ނިންމާފައިވާ ކެނޑިޑޭޓުންގެ ލިސްޓުތަކާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު، އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ސިޔާސީ ޕާޓީތަކުންވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކަށްވެސްް އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށެވެ.
އަމްޖަދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެތައް ގޮތަކުން ހާއްސަ ވެގެންދާ އިންތިހާބެއް ކަމަށެވެ.
އެގޮތުން އެ އިންތިހާބު ގައި ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކާއި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ވާދަ ކުރެއްވުމަކީ އިންތިހާބު ހާއްސަވާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެންމެ ގިނަ ބޭފުޅުން ވާދަކުރައްވާ އިންތިހާބަށް ވުމާއި، އެންމެ ގިނަ އަންހެން ބޭފުޅުންނާއި އެންމެ ގިނަ ޒުވާނުން ވާދަކުރާ އިންތިހާބަށް މި އިންތިހާބު ވުމަކީވެސް އއިންތިހާބު ހާއްސަވެގެންދާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށްގެންދާއިރު، އިންތިހާބަށް ކުރިމަތިލައްވާ ކެނޑިޑޭޓުން، އެބޭފުޅުންގެ ސުލޫކީ މިންގަޑުތަކާ އެއްގޮތަށް، އެއްބޭފުޅެއްގެ އިންތިހާބީ ހައްގުތަކަށް އަނެއް ބޭފުޅަކު ރައްކާތެރި ވުމަށް ވެސް އަމްޖަދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ރިޔާސީ އިންތިހާބާއި އޭގެ ކުރިން ބޭއްވި ކައުންސިލްތަކުގެ އިންތިހާބު އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި އަމާންކަމާއެކު ނިންމާލެވިފައިވަނީ، ސިޔާސީ ޕާޓީތަކާއި، ދިވެހި ރައްޔިތުންގެ ކެއްތެރި ކަމާއި ވަރަށްބޮޑު އެހީތެރިކަމާއެކުގަ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެ އެއްބާރުލުމާއެކު އަމާން އިންތިހާބެއް ބޭއްވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.