އިބްރާހިމް ޒަކީ
ކުރިން ވެސް ނިންމާފައިވާގޮތަށް، އެމްޑީީޕީން ބޭއްވި މަޖިލިސް ޕްރައިމަރީއާ އެއްގޮތަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރަން އެމްޑީޕީން ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން ކެނޑިޑެންސީ ފޯމުތައް އިލެކްޝަނަށް ހުށަހަޅާފައިވަނީ، މި ކަމަށް ޓަކައި އިލެކްޝަންސް ކޮމިޝަންގެ އިންތިހާބުތަކާބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި އިލެޝަންސްގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއާ ފޯމުތައްް ހަވާލު ކޮށްދެއްވީ ކޮންމެ ދާއިރާއަކަށް ވާދަކުރައްވާ، އެ ދާއިރާގެ ކެނޑިޑޭޓު ވަކި ވަކިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކުރިމަތި ނުލަނީ އެންމެ ދާއިރާ އަކަށެވެ. އެއީ ނިލަންދޫ ދާއިރާ އެވެ.
އެމްޑީޕީން ހުށަހެޅި ފޯމުތަކާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ، އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފަރާތުން މައްޗަން ގޯޅީ މެދު ދާއިރާއަށް ވާދަކުރައްވާ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިންސާފުވެރި މިނިވަން އިންތިހާބަކަށް ހެދުމަށް އިލެއްޝަން ކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށްތަކައި އުފާ ކުރައްވާ ކަމަށެވެ.
އަދި އެކަމުގައިއެމްޑީޕީގެ އިތުރުން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން އެހީތެރިކަން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ އަދި އެކަމުގައި އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.