ގޭ ބަންދުގެ އުސޫލާއި ގާނޫނާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ގޭ ބަންދަށް ބަދަލުކުރައްވާފައި ހުންނެވި ރައީސް ޔާމީން އިދިކޮޅުން މިއަދު މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެ ވަޑައިގަތް މައްސަލަ ބަލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިންގާލުމުގެ ބައިވެރިން ރައީސް ޔާމީންގެ، ގެކޮޅާ ހަމައަށް އެރުމުން، އެމަނިކުފާނު ދެކިލުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަށް ފެނިލުމަށް ގޭގެ ކުޑަދޮރުން ބޯދިއްކޮށްލައްވާ ބައިވެރިންނަށް އެމަނިކުފާނު އަތް ހޫރުވާ ސަލާމް ކުރެއްވި ކަމަށެވެ.
"މިއީ އެއްވެސް ހާލެއްގައި ގޭ ބަންދުގައި ހުންނަވާ ބޭފުޅަކަށް ނުކުރެއްވޭނެ ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއް ގަވާއިދެއް ނުވަތަ އުސޫލެއްގައިވެސް ބަޔާންކޮށްފައިވާ ކަމެއް ނޫން. ހަމައެއާއެކު އެމަނިކުފާނާއެކު ދައުލަތުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމެއްގައިވެސް އޮތް ވާހަކައަކަށް ނުވާ އިރު އެމަނިކުފާނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޮމިޝަނަރު އޮފް ޕްރިސަންސް ޓުވީޓު ކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކަރެކްޝަނުން އެގޮތަށް ބުނުމުން އިދިކޮޅުން އެކަން ސިފަކޮށްފައި ވަނީ، ސަރުކާރަކުން ހިންގަމުން ގެންދާ ކަންތައްތަކާމެދު ހިތްހަމަނުޖެހިގެން ރައްޔިތުން ފާޅުކުރުމަށް ހިންގާ ސިޔާސީ ހަރަކާތްތައް 'ހަޖަމު' ނުކުރެވިގެން ކުރި ކަމެއްގެ ގޮތުގައެވެ.
"އެކަމުގެ އަދަބު ރައީސް ޔާމީން ދިނުމަށް ކުރަމުން ގެންދާ މަސައްކަތް މިކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.