އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ތަންފީޒު ކުރެއްވުމަށްޓަކައި 48 ގާނޫނެއް ހަދަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުލިސްޓު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް އެމްޑީޕިން ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށްޓަކައި 48 ގާނޫނެއް ބޭނުންވާއިރު، އޭގެ ތެރެއިން މުހިއްމު 19 ގާނޫނެއްް ހެދުމަށް "އެޖެންޑާ 19"ގެ ނަމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާފައިވާ، ހަސަން ލަތީފް އިތުރަށް ވިދާޅުވީ، އެމްޑީޕީން މަޖިލީހަށް ހުށަހެޅުމަށް ހަދަން ނިންމާފައިވާ ގާނޫނުތަކަށް އަމާޒު ކޮށްގެން އެކުލަވާލައިފައިވާ ޑްރާފްޓް ތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ހަގީގަތަކަށް ހެދުމަށްޓަކައި ރައްޔިތުން، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓުންގެ ފޯމުލިސްޓް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް، ހުރިހާ ކެނޑިޑޭޓުން ބައިވެރިވެގެން، ބާއްވާ ހިނގައިލުން އެމްޑީޕީ އޮފީސް ކައިރިން ވަނީ ފަށައިފަ އެވެ.
މި ހިނގާލުމުގައި އެެ ފޯމުތައް އިލެކްޝަނަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީނު އިމާރާތުގައި ހުންނަ އިލެކްޝަންގެ އިންތިހާބީ މަރުކަޒަށެވެ.