ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ގައުމީ ޓީމުން ގަތަރުގެ ކޭމްޕަށް ދިއުމަށް ކުރި ޕީސީއާރު ޓެސްޓުތަކުގެ ނަތީޖާއިން ޓީމުން ޕޮޒިޓިވް ވެފައި ވަނީ ކޯޗު ސުޒޭން އެކަންޏެވެ. ހުރިހާ ކުޅުންތެރިންނާއި ދެން ތިބި އޮފިޝަލުން ވަނީ ނެގެޓިވްވެ، ފުރަން ތައްޔާރުވެފައެވެ. ކޯޗު ސުޒޭން "ވަން" އަށް ބުނެފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އަދި އުންމީދު ކުރަނީ މިމަހު 21 ވަނަ ދުވަހު ޓީމުގެ ފަރިތަކުރުންތަކާ ގުޅުމަށް ކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމުގެ ނުކުންނާނީ ދިވެހި ކޯޗިން ޓީމަކާ އެކުގައެވެ. ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭންއާއެކު އެސިސްޓެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިސްމާއީލް މަހުފޫޒް (އިންމަ) އާއި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ. އޭގެ ތެރެއިން އިންމައަކީ ގޯލްކީޕަރު ކޯޗެއްވެސް މެއެވެ.
އޭގެ އިތުރުން ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނެނީ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުލްރަހީމާއި ޓީމު ޑޮކްޓަރު އަބްދުﷲ ރާފިއުއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިފަހަރު ނުކުންނާނީ އަމިއްލަ ގައުމުގައެވެ. ކޮވިޑުގެ ހާލަތުގެ ތެރެއިން ދިމާވި އެކިއެކި ކަންކަމާއެކު މުބާރާތް އައިސް މި ހުއްޓުނީ އަމިއްލަ ގައުމުގައެވެ. ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު އެއްވަނަ ދުވަހު ފަށާނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. މިއީ ރާއްޖެއިން ސާފް މުބާރާތް ހޯސްޓް ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ލަންކާއާއެކު ހޯސްޓް ކުރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގައެވެ.