ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަކުރި އިތުރު ހަތް ރަށަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަދީފިއެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރުމުންދާތީ، މާލެއިން ރަށްރަށަށް ދަތުރުކުރާ އިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމެއް ނެތި މާލެއިން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހެދިއެވެ. އެކަމަކު އެގޮތަށް ދަތުރު ކުރެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުއެވެ.
އެހެން ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.
އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.
އެޗްޕީއޭ އިން ވަނީ ވެކްސިންގެ އެ އުސޫލުތަކަށް ފެތޭ އިތުރު ހަތް ރަށަކާއެކު ޖުމުލަ 35 ރަށެއްގެ ލިސްޓެއް އާންމުކޮށްފައެވެ.
ސަރުކާރުން އަމާޒު ހިފީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށް މިދިޔަ މަހުގެ ނިޔަލަށް ވެކްސިން ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެ އަމާޒު ހާސިލެއް ނުވިއެވެ.
ރާއްޖޭގައި މިހާތަނަށް 386،514 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 305،571އެވެ.