ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ށ. ފުނަދޫގައި ހިންގާ، ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވައިފިއެވެ.
މެޑަމް ފަޒްނާ، ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި އެކަމަނާ ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، ބޭނުންވާ ކަންތައްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
އެގޮތުން ތަނަށް ބޭނުންވާ ފަންނީ މުވައްޒަފުން ލިބުމުގައި ހުރި ދަތިކަން އެތަނުގެ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޒިޔާރަތުގައި މެޑަމް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމައުގެ އެންމެން ގުޅިގެން އަޅައިލައި އޯގާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސެންޓަރުގެ މުވައްޒަފުން އެ ކުދިން ބެލުމުގައި ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި މެޑަމް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.
އެ ސެންޓަރުގައި މިވަގުތު 14 ކުދިން ދިރިއުޅެމުންދާއިރު، އެ ސެންޓަރަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި ކުދިންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.