ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފި އެވެ.
ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދައުވަތަކަށް ލަންކާކެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް ލަންކާއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. ރައީސް ސޯލިހުގެ ދެ ކަނބަލުން ލަންކާއަށް ފުރާވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން މިއަދު ވަނީ ސްރީލަންކާގެ ރައީސް ސިރިސޭނަގެ ދެކަނބަލުންނާ ރައީސް ސޯލިހުގެ ދެކަނބަލުން ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ވަނީ ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ލަންކާގެ މިހާރުގެ އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ރާޖަޕަކްސާއާ ވެސް މި ދަތުރުފުޅުގައި ބައްދަލުކުރައްވައިފައެވެ.