އަލީ ޔާމިން
މިއަހަރުގެ "ރެހެންދި އެވޯޑް" ހަތް ބޭފުޅަކާއި ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދީފިއެވެ.
ހުޅުމާލޭ ރެހެންދި ސްކޫލުގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ޖަލްސާގައި ވަނީ މިދިޔަ އަހަރު ރެހެންދި އެވޯޑު ލިބުނު ބޭފުޅުންނާއި މިއަހަރު އެ އެވޯޑު ލިބުނު ބޭފުޅުންނަށް އެވޯޑު ދީފައެވެ.
މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ރެހެންދި އެވޯޑް ވަނީ ހަތް ބޭފުޅެއްގެ އިތުރުން ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސް ދީފައެވެ.
ރެހެންދި އެވޯޑު ލިބުނު ބޭފުޅުންނާއި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.
މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.