ޚަބަރު

އަލީ ވަހީދު ހައްޔަރުކުރިކަން ފުލުހުންނަށް އަންގައިފި

އަލީ ޔާމިން

ޖިންސީ ގޯނާހެ ތުހުމަތުތަކާ ގުޅިގެން ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން ދިވެހި ފުލުހުންނަށް ރަސްމީކޮށް އަންގައިފިއެވެ.

ފުލުހުން ބުނީ، އަލީ ވަހީދު ހައްޔަރުކޮށްފައި ހުރީ އިމިގްރޭޝަން ކުށްތަކެއްގައިކަން އިނގިރޭސިވިލާތުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް މިއަދު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަލީ ވަހީދު ބަހައްޓާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ޑިޓެޝަން ސެންޓަރެއްގައެވެ. އިނގިރޭސިވިލާތުގެ ހިމާޔަތަށްވެސް އަލީ ވަހީދު ވަނީ އެދިވަޑައިގެންފައިވާކަން އެނގިފައިވެއެވެ.

އިނގިރޭސިވިލާތުގެ އިމިގްރޭޝަނުން އަލީ ވަހީދު ހައްޔަރުކޮށްފައިވާ އިރު، ކޯޓު އަމުރު ރައްދުވުމުންވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އޭނާ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަލީ ވަހީދު ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެ ކޯޓުން ކަރެކްޝަންސްއަށް އަންގާފައިވާ އިރު، އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކަރެންޝަންސް އިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.