ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރ މަހިންދަ ރާޖަޕަކްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހާ ރާޖަޕަކްސާ ބައްދަލުކުރައްވާފައިވަނީ ލަންކާގެ މިނިވަންދުވަހުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ސޯލިހު ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލަ ސިރިސޭނަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.