ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

"ކުއްލި ހާލަތު އިއުލާންކޮށް، އަނިޔާވެރި އަމަލު ހިންގި މީހުންނާ މެދު އިންސާފުވެރި ފިޔަވަޅުއެޅުމަށް އިލްތިމާސްކުރަން"

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުއްލި ހާލަތު އިއުލާންކޮށް، އަނިޔާވެރި އަމަލު ހިންގި މީހުންނާ މެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މައުމޫން ނެރުއްވި ނޫސްބަޔާނެއްގައި ބުނީ މިއަދަކީ ރާއްޖޭގައި އެންމެ ފަހުން ހިންގި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަން ފެށިތާ އެއް އަހަރު ފުރުނު ދުވަސް ކަމަށާއި އެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ރާއްޖޭގެ ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ވެސް ނަގާލައި އަދުލު އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ.

"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ މި އަނިޔާވެރި އަމަލު ހިންގި މީހުންނާ މެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމެވެ. އެހެންނޫނީ ކުރިއަށް އޮތްތާނގައިވެސް ބާރުގައި ތިބޭ މީހުން މިބާވަތުގެ އަނިޔާވެރި ޣައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ..،" ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ އެމަނިކުފާނު ހައްޔަރު ކުރުންކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔަ ކަމަށާއި އެމަނިކުފާނުގެ އަބުރާއި އިއްޒަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުން ފިލުވާލުން ކަންވެސް ފާޅުވެގެން ދިޔަ ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާންކޮށް ފުރަތަމަ ހައްޔަރުކުރެވުނީ ރައީސް މައުމޫންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މީގެ އެއް އަހަރު ކުރީން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އަޅުގަނޑެވެ. އެއަށްފަހު އަޅުގަނޑުގެ ދަނބިދަރިފުޅު މުހައްމަދު ނަދީމެވެ. އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ހަމީދެވެ..،" ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ އެއް އަހަރު ފުރޭ އިރު މުޅި ދިވެހި ގައުމަށް ހާމަވެގެން ގޮސްފައިމިވަނީ އެ ހާލަތުގެ ދަށުން ހައްޔަރުކުރެވުނު ބޭފުޅުންގެ ބޮލުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއްކަމާއި ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން އަގު ވައްޓާލަން ކުރެވުނު މަސައްކަތެއް ކަމެވެ.