އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭނުންކުރާ ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެމްޓީސީސީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓުގެ މުއްދަތަށް ނަގާ މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 109،000 ރުފިޔާ ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އަހަރަކަށްވުރެ ގިނަ ދުވަހަށް ކޮންޓްރެކްޓް އާ ކުރާނެ ކަމަށްވެސް ބުންޏެވެ.
މި މަގާމަށް ހޮވޭ މީހެއްގެ މުސާރައިގެ އިތުރުން އެކުންފުނީގެ ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމުގައި ބައިވެރިވެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މަގާމަށް ހޮވޭ މީހަކު ހަފުތާއަކު ހަ ދުވަހު ޑިއުޓީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަގާމަށް ކުރިމަތިލާ މީހުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެއެވެ.
ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަހާޖައްރާފު ރާއްޖެ ގެނެސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މަހާޖައްރާފަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.
އެމްޓީސީސީން މީގެ ކުރިން ބުނީ މަހާޖައްރާފުގައި ކުރިން މަސައްކަތް ކުރަމުން ދިޔައީ 13 މުވައްޒަފުން ކަމަށާއި ކުރިން މަހާޖައްރާފުގައި މަސައްކަތް ކުރަމުން ދިޔައީ ގިނައިން ބިދޭސީން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ބޯޓުގައި 17 ދިވެހިން މަސައްކަތް ކުރަމުން އަންނަ އިރު، ކެޕްޓަނުންނާއި އިންޖިނިއަރުންގެ މަގާމުގައިވެސް މިހާރު ދިވެހިން އެބަތިއްބެވެ.