ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ބަސް ސްޓޮޕްގެ 92 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.
އެޗްޑީސީން އިއްޔެ ބުނީ، ބަސް ސްޓޮޕްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ކަރަންޓްގެ މަސައްކަތްތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކުގެ އިތުރުން ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.
ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދަށް ހާއްސަކޮށްގެން ހަދާ އެ ބަސް ސްޓޮޕްގެ މަސައްކަތްތައް ނިންމައި، މި މަހުގެ މެދުތެރޭގައި ބޭނުން ކުރެވޭ ވަރު ވާނެކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ބަސް ސްޓޮޕްގެ މަސައްކަތްތައް ނިމުމުން ރައްޔިތުންނަށް ފަސޭހަކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް، ހާއްސަކޮށް ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދަށް ދަތުރުކުރެވޭނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ބައި ހުޅުވާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކާ ހަމައަށް މިހާރު ދެވޭނެއެވެ.