ޚަބަރު

ހަމަލާދިން މީހާ ގޮޅިއަށް ލާކަށް ނޭދެން، އޭނާ އަށް ބޭނުންވަނީ ފަރުވާ: މަންދީ

އަލީ ޔާމިން

އެމްޑީޕީ އޮފީހުގައި ހިންގި ހަމަނުޖެހުމުގައި އޭނާއަށް އަނިޔާވި ނަމަވެސް، ހަމަލާދިން މީހާ ޖަލަށް ލާން ބޭނުންނުވާ ކަމަށާއި ދޭންވީ ފަރުވާ ކަމަށް އެ ހަމަލާ އަމާޒުވި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަންމަ، މަންދީ ޒުބައިރު ބުނެފިއެވެ.

މިއަދު މެންދުރު މެންދުރު 12:30 ހާއިރު އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި މަންދީގެ އިތުރުން، އެ އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ. ލިބުނު ޒަހަމްތަކަށް މަންދީއަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު މިރޭ ވަނީ ގެއަށް ދޫކޮށްލައިފައެވެ.

މަންދީ މިރޭ ކުރި ޓުވީޓެއްގައި ބުނީ އަނިޔާގެ ސަބަބުން މިއަދު އޭނާގެ ގައިގައި އަޅާ ވޭނަށް ވުރެ، ހަމަލާދިން މުހައްމަދު ޖަޒީލް ގައިގާ މިރޭ އަޅާނެވޭން ބޮޑުވާނެ ކަމަށެވެ. އެހެންވެ އޭނާ އެކަނި ގެންގޮސް ޖަލަށް ލުމަށް ނޭދޭ ކަމަށާއި އޭނާއަށް ބޭނުންވަނީ ފަރުވާ ކަމަށް މަންދީ ބުންޏެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމްކުރާކަށް. އޭނައަށް ފަރުވާ ބޭނުންވޭ. މިކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފާ ކުރާވަރު އަޅުގަނޑަށް ފެނޭ،" މަންދީ ބުންޏެވެ.

މަންމައަށް ދިން ހަމަލާއާ ގުޅިގެން މީކާއިލް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެ ހަމަލާއަކީ ރާވާއިގެން ދިން ހަމާލާއެއް ނޫން ކަމަށާއި އެއީ އެވަގުތު އޮފީހުގައި ތިބި ގިނަ ބަޔަކަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ދިން ހަމަލާއެއް ނޫން ކަމަށާއި ހަމަލާ ދިން މީހާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުންޏެވެ.