އިބްރާހިމް ޒަކީ
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން، ނުވަތަ އަނިޔާވެރިގޮތަކަށް، މަރާފައިވާ ނުވަތަ ނިޔާވެފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އިހުމާލްވި ކަމަށް ތަހުގީގަށް ފާހަގަ ކުރެވޭ މަރުގެ ދެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ އަނިޔާވެރިގޮތަކަށް މަރާފައިވާ ނުވަތަ ނިޔައުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާ ތަފާތު މައްސަލަތަކެއް ކޮމިޝަނުން ތަހުޤީގުކޮށްފައިވާ ކަމަށެވެ.
އެގޮތުން މަރުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ހުށައަޅާފައިވާ 16 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަޙްޤީޤު ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވެއެވެ.
މި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ މައްސަލައަކާއި، ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 5 މައްސަލައާއި، މިނިވަންކަން ގެއްލޭގޮތައް ދައުލަތުގެ ބެލުމުގެދަށުގައި ހުއްޓާ ނިޔާވެފައިވާ 28 ފަރާތެއްގެ މައްސަލަ ހިމެނެ އެވެ.
މީގެ އިތުރުން ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔާވެފައިވާކަމަށް ބުނާ 17 ފަރާތެއްގެ މައްސަލައާއި، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ 2 މައްސަލަ އާއި އެކަށީގެންވާ ގޮތެއްގައި ލުހުން ތަޙުޤީޤުކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ 2 މައްސަލައެއް ހިމެނެއެވެ.
އެހްއާރުސީއެމުން ބުނި ގޮތުގައި، މި މައްސަލަތަކުގެ ތެރެއިން ޖުމްލަ 45 މައްސަލައިގެ ތަހުޤީގު ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން 1 މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ވަނީ ދީފަ އެވެ. އަށް މައްސަލައެއްގައި ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ކޮމިޝަނުން ދަނީ ބަލަމުންނެވެ.
އަދި އިހުމާލެއް ނުވާކަމަށް ތަޙުޤީޤަށް ފާހަގަ ކުރެވުނު 23 މައްލައެއް ނިންމާފައިވާއިރު، 7 މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާއިން ފިޔަވަޅުއެޅުމުން އެ މައްސަލަތައް ނިންމާފައިވެއެވެ.
ކުޑަ ކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއްގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފަ އެވެ.
އަދި މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި ފުލުހުން ކުރިޔަށްގެންދިޔަ ތަޙުޤީޤުގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަޙުޤީޤު ނިންމާފައިވެއެވެ.
އަދި ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 2 މީހެއްގެ މައްސަލައިގައި ކަމާގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނެތުމުން އެ 2 މައްސަލަ ނިންމާފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ 2007 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި އިހުމާލުގެ ސަބަބުން ނިޔާވެފައިވާ 8 މީހުންގެ މަރުގެ މައްސަލައިގެ ތަހުޤީޤު މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ.