ޚަބަރު

ޕީޕީއެމް ރައީސް މައުމޫންއާ ހަވާލު ކުރަން އެދި ހުށަހެޅި މައްސަލަ ބާތިލް ކޮށްފި

ޕީޕީއެމް އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މައުމޫނާ ހަވާލު ކުރުމަށް، އެ ޕާޓީގެ ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު ތައް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ޕީޕީއެމް ރައީސް މައުމޫނާ ހަވާލު ކުރުމަށް އެދި، މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ޕާޓީގެ އާއްމު ދެ މެންބަރުން ކަމަށްވާ، ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު އާއި ލ. ގަން ތުނޑިި، ހަވި އަލީ އަހުމަދެވެ.

ނަމަވެސް މި މައްސަލައިގެ ހުރިހާ ލިޔެ ކިއުމެއް ސްޕްރީމް ކޯޓަށް ނަގައި، އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ބެލުމަށް އިޖުރާއީ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މައްސަލައާމެދު ގޮތެއް ނިންމުމަށް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުމުގައި، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން މައްސަލަ ނިންމެވި ގޮތުގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް އަލުން ދަށު ކޯޓުތަކުން ނުބެލޭނެތީ، އެ ދެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.

އެހެންކަމުން އެ ދެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، އެ މައްސަލަ ބެއްލެވި، ސުފްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލައިގެ ހުކުމްގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރައްވާފައިވަނީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ ކުރީގެ މުސްތަޝާރު އަދި އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަށް ހައި ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާ ކަމަށެވެ.

އަދި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ނޫންކަމަށް އިލެކްޝަނުން ހުށަހެޅި މައްސަލައިގަވެސް އެ ކޮންގްރެސް ސައްހަ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އެކަންތައްތައްް ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވެފައިވަނީ، ޕީޕީއެމް މައުމޫނާ ހަވާލު ކުރުމަށް އެދި ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، އެ ކަންކަމަށް ސުޕްރީމް ކޯޓުން ހައްލުތަކެއް ހޯދައިދީފައިވާ މައްސަލައެއް ކަމަށެވެ.