ޚަބަރު

މިދިޔަ ހަތަރު މަސް ތެރޭ ކޮވިޑު ޖެހިގެން މަރުވި މީހުންގެ 89 ޕަސެންޓް ވެކްސިން ފުރިހަމައެއް ނުކުރޭ!

މިދިޔަ ހަތަރު މަސް ތެރޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ 89 ޕަސެންޓް މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓް ކުރި 82 ޕަސެންޓް މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

އަދި މިދިޔަ މެއި މަހުގެ އެކަކުން ފެށިގެން މިހާތަނަށް، ކޮވިޑު ޖެހިގެން މަރުވި މީހުންގެ ތެރެއިން 89 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މެއި މަހާ ހަމައަށް 73 މީހުން މަރުވެފައިވާ އިރު، މިދިޔަ ހަތަރު މަސް ތެރޭ ޖުމުލަ 153 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ޖުމުލައަކީ 227 މީހުންނެވެ. އެއީ 210 ދިވެހީންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި މިހާތަނަށް 383،089 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 301،857 އެވެ.