ޚަބަރު

ކްރިއޭޓިވް އާޓްސް ކިޔަވައިދޭނީ އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޮތްތަކުން: އެޑިޔުކޭޝަން

އައިޝަތު ނިއުޝާ

ގުރޭޑް އެކެއްގެ ކްރިއޭޓިވް އާޓްސް ދެން ކިޔަވައިދޭނީ އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޮތްތަކުން ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.

އެޑިޔުކޭޝަނުން ބުނީ ގުރޭޑް އެކެއްގެ މުގައްރަރުތައް އިސްލާހުކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު އެކެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އާ ފޮތްތަކުން ކަމަށެވެ. އެގޮތުން މި ހިނގާ ދިރާސީ އަހަރާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެން ބޭނުން ކުރާނީ އެ ފޮތްތައް ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

ދަރިވަރުންނަށް ކްރިއޭޓިވް އާޓްސް ކިޔަވައިދިނުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ފޮތްތަކަކީ، މުދައްރިސުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި، ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކުލާހުގައި ހާއްސަކޮށް ފަސް ދަރިވަރުންގެ ގުރޫޕުތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ، ސައިޒުގެ ގޮތުން ބޮޑު ހާއްސަ ރެފަރެންސް ފޮތެއް ކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

އެޑިޔުކޭޝަނުން އިތުރަށް ބުނީ މި ބަދަލު ގެނައީ ކްރިއޭޓިވް އާޓްސް އަކީ އެހެން މާއްދާތަކާ ހިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށް ޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއެއް ކަމަށް ވާތީ ކަމަށެވެ.