އިބްރާހިމް ޒަކީ
ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު ހެނދުނު ފަށައިފި އެވެ.
މި މަޝްވަރާތައް ފަށާފައިވަނީ، ސްރީލަންކާގެ ރައީސް މައިތްރި ޕާލާ ސިރިސޭނާގެ ރަސްމީ އޮފީހުގަ އެވެ.
މި މަޝްވަރާތަކުގައި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ލަންކާގެ ރައީސް މައިތްރީ ޕާލާ ސިރިސޭނާގެ އިތުރުން، ސްރީލަންކާ އާއި ރާއްޖެއާ ދެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މި މަޝްވަރާތަކުގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދު އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަތައް ކުރިއަށް ގެންދިއުމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ހެނދުނު، ލަންކާ ރައީސްގެ ރަސްމީ އޮފީހަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ވަނީ ރަސްމީ މަރުހަމާ ދަންނަވައި 21 ބަޑީގެ ސަލާމެއް އަރުވައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިލެޓްރަލް މަޝްވަރާތަކުގެ އިތުރުން ދެ ރައީސުންގެ މެދުގައި ވަންޓު ވަން މަޝްވަރާތަކެއްވެސް މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.
މި މަޝްވަރާތަކަށް ފަހު ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން، ލަންކާގެ ރައީސް ސިރިސޭނަ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާ ރައީސްގެ ރަސްމީ ގެ ކޮޅުގައި ބާއްވާ އެ ފަރިއްކޮޅަށްފަހު ރަސްމީ ފޮޓޯ ނެގުމެއް ކުރިއަށްދާނެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ލަންކާގެ އިދިކޮޅު ލީޑަރު ރާޖަ ޕަކްސަ އާ ހިލްޓަން ހޮޓަލުގައި މިއަދު ހަވީރު ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، އެގައުމުގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، އެގައުމުގެ ރައީސް ދެއްވި ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރު ފުޅެކެވެ.
އެމަނިކުފާނު އިއްޔެ އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވާއިރު، ލަންކާ ދަތުރުފުޅު ނިންމަވައިލައްވައިފައި ރައީސުލް ޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، މިރޭގެ ވަގުތެއްގަ އެވެ.