އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދުކުރެއްވި ކެންޑިޑޭޓުން ހޮވިއްޖެއެވެ.
ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް ސިއްރު ވޯޓެއް ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް 18 ކެންޑިޑޭޓަކު ކުރިމަތިލިއެވެ. އެ މަޖިލީސް ހިމެނެނީ ނުވަ މެންބަރުންގެ މައްޗަށެވެ.
މި އިންތިހާބަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ ނުވަ ފަރާތަކަށް ތާއީދު ކުރައްވައިފައެވެ. އަދި އިންތިހާބަށް ރައީސް ސޯލިހާއި ނަޝީދުގެ ފަރާތުން ވަނީ އެ ބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮއްވެވުމަށް އެތެރޭގެ ކެންޕެއިނެއް ކުރައްވައިފައެވެ.
މި ވޯޓުގައި 120 މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު ބާތިލު ވޯޓު ހިމެނޭ އިރު، އަށް ބޭފުޅަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
މި އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އެ ކޮމިޓީގައި ހިމެނެނީ ވިލިމާލެ ދާއިރާގެ ރައީސް މުހައްމަދު އިބްރާހިމް މަނިކާއި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުއިއްޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.