ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ތަޖުރިބާކޮށް ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލަންކާގެ ވިޔަފާރަވެރިންނަށް ދައުވަތު ދެއްވައިފި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ މިހާރު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސްރީލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައެވެ. ލަންކާގެ ވިޔަފާރަވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރާފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށްއޮތްތާނގައި މި ގުޅުން އިތުރަށް ރަނގަޅު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ގައުމުގެ އިގްތިސާދު ފުޅާވެގެން ދާނީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރެވިގެން ކަމަށްވުމުން ރައީސް ސޯލިހުގެ ސަރުކާރުގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް ކުރިއަށްވުރެ ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެ ރާއްޖޭގައި އިންވެސްޓުކުރުމަށް ލަންކާގެ ވިޔަފާރަވެރިންނަށް ދައުވަތު އަރުވައިފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ދެގައުމުގެ އިގްތިސާދު ކުރިއަރަމުން އަންނަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ދެގައުމުގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުންކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ދެގައުމު އެކީ ކުރިއެރުވޭނެ ކަންކަމަށް އަލިއަޅުވާލަމުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ލަންކާގެ ވިޔަފާރިވެރިންގެ ކައުންސިލްގެ ރައީސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސް ސޯލިހަށް ހަނދާނީ ފިލައެއް އަރުވައިފައެވެ.