ރައްޔިތުންގެ ލޯ ލާރިއަކުވެސް ނުޖެހޭނެކަމަށް ވިދާޅުވެ އެތައް ހާސް ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބުދުﷲ ޔާމީނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގައި ތަރައްގީ ގެނެސްފައިވަނީ ޚަރަދުކުރަން ހޭދަވާ މިންވަރަށް ވުރެ ދެގުނަ ބޮޑުކޮށް ޚަރަދުކޮށްގެން ކަމަށެވެ.
އިބޫގެ ވާހަކަފުޅު އަމާޒު ކުރެއްވީ ސިނަމާލެ ބުރިޖާއި، ފަންސަވީސްބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތައް އިޝާރާތްކޮށެވެ.
"ފަންސަވީސް ބުރީގެ ހޮހޮޅައެއް ހަދައި އެތެރެ ހުސްކޮށް ބާއްވައި ބޭރުގައި ޖެހި ބިއްލޫރިތަކުގެ ދަޅަޔަށް މިއަދު ހެއްލި ތިބެވޭކަން އަޅުގަނޑުމެންނަކަށް ނެތް. އެތަނުގެ ނަމުގައި ވަނީ 220 މިލިއަން ޑޮލަރުގެ އަގު ދަރުވާފަ." ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާތްކުރައްވައި އިބޫ ވިދާޅުވި އެވެ.
"100 މިލިއަން ޑޮލަރަށް ހެދޭ ބުރިޖެއް 300 މިލިއަން ޑޮލަރަށް. 600 މިލިއަން ޑޮލަރަށް ހެދޭ އެއާޕޯރޓް ނެންގެވި ދަރަނީގެ އަދަދަކީ 1200 މިލިއަން ޑޮލަރު. ސަރުކާރުގެ ތަރައްގީގެ މަސްރޫއުތަކަށް އިބޫ ފާޑު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައްތޔިތުންގެ ނަމުގައި ދަރަނިވެރި ކުރުމަށްފަހު ރައީސް ޔާމީން އެހުންނެވީ ހިނިފުޅުވަޑުވަން ކަމަށެވެ.
އަޑި ނޭނގޭ ގޮތަށް ސިއްރުން ރައްޔިތުންގެ ރުހުމެއް އެހުމެއް ކެހުމެއްނެތި ރައްޔިތުންގެ ބޮލުގައި ދަރަނިއަޅުވާނެ މީހަކަށް ނުވާނެކަމަށް އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ ނަމުގައި ދަރަނި ނެގޭނީ ރައްޔިތުންނަށް އެނގި ހުއްދަ ލިބިގެން ކަމަށާއި އެއީ އޭރުވެސް މިހާރުވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތް ކަމަށް އިބޫ ވިދާޅުވި އެވެ.