ޚަބަރު

އިންޓަރނޭޝަނަލް ބަޔާ ސެލާ މީޓްގައި ރާއްޖޭގެ ވުމެންސް ޗެމްބާސް އޮފް ކޮމާސްގެ ބޭފުޅުން ބައިވެރިވެއްޖެ

މަރިޔަމް ޝަހުދާ

އިންޓަރނޭޝަނަލް ބަޔާ ސެލާ މީޓްގައި މޯލްޑިވްސް ވިމެން އިން ޗެމްބާސް އޮފް ކޮމާސްގެ ބޭފުޅުން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް ވުމެންސް ޗެމްބާސް އޮފް ކޮމާސްގެ ވައިސް ޕްރެސިޑެންޓް ޝީޒާ އިމާދު "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން މައުލޫމާތުދެއްވި ގޮތުގައި އިންޓަރނޭޝަނަލް ބަޔާ ސެލާ މީޓްގައި ބައިވެރިވުމަށް ކުރެއްވި ދަތުރަކީ ސައުތު އޭޝިއަން ވިމެންސް ޑިވަލޮޕްމަންޓް ފޯރަމް، އެސްއޭޑަބްލިއުޑީއެފް އިން މޯލްޑިވްސް ވުމެން ޗެމްބާސް އޮފް ކޮމާސްއާ ގުޅިގެން ހަމަޖެއްސި ދަތުރެކެވެ.

ރާއްޖެއިން މި ދަތުރުގައި ތިން ބޭފުޅަކު ބައިވެރިވެފައިވާ އިރު ސާކްގެ ގައުމުތަކުގެ ޓެކްސްޓައިލް ދާއިރާގައި މަސައްކަތްކުރާ އެކި ކުންފުނިތަކަށް ހާއްސަކޮށްގެން އެ ކުންފުނިތަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށް ލިބުނު ފުރުސަތެކެވެ. ޝީޒާ ވިދާޅުވި ގޮތުގައި އިންޓަރނޭޝަނަލް ބަޔާ ސެލާ މީޓްގައި މޯލްޑިވްސް ވުމެންސް ޗެމްބާސްގެ ފަރާތުން ބައިވެރިވި ތިން އަންހެން ބޭފުޅުންނަކީ ޓެކްސްޓައިލް ދާއިރާގައި މަސައްކަތް ކުރައްވާ ތިން ބޭފުޅުންނެވެ.

މި ދަތުރުގައި އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިޝާކާޕަޓްނަމްގެ ޗީފް މިނިސްޓަރ ވަނީ ވިޝާކާޕަޓްނަމް ސިޓީގައި ސާކް ގައުމުތަކުގެ ޓެކްސްޓައިލް ކުންފުނިތަކަށް އެ ކުންފުނިތައް ހިންގުމަށް ބިން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައިކަމަށް ޝީޒާ ވިދާޅުވިއެވެ.

ޝީޒާ ވަނީ މޯލްޑިވްސް ވިމެންސް ޗެމްބާސްގެ ޕާޓްނަރުންގެ ގޮތުގައި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވާ)، އެސޯސިއޭޝަން އޮފް ލޭޑީ އޮންޓަޕްރަނާ (އޭއެލްއީ)، ފަތްމިނި އެސޯސިއޭޝަން އޮފް ކްރިއޭޓިވް އޮންޓަޕްރިއަނާސް (ފޭސް)، ވިމެން އޮން ބޯޑް (ވޮބް) އަދި ވިމެން އިން މެނޭޖްމަންޓް (ވިމް) ވުމަކީ އެ ޖަމިއްޔާއަށް އިތުރު ކުރިއެރުމެއް ލިބޭ ކަމެއްކަމުގައި ފާހަގަކޮށްފައެވެ.

މޯލްޑިވްސް ވިމެންސް ޗެމްބާސް އަކީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 17ގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ އޯގަނައިޒޭޝަނެކެވެ. މިހާތަނަށް މި އޯގަނައިޒޭޝަނުގެ ފަރާތުން އަންހެން ވިޔަފާރިވެރިން ބާރުވެރިކޮށް ކުރިއެރުމަށް ގިނަ ފުރުސަތު ތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ.